.jpg?w=3840&q=75)







.jpg?w=3840&q=75)
މޫސުން ގޯސް ދުވަހެއް،--- ފައިލް ފޮޓޯ/ އެމްއެންޑީއެފް
ދިވެހިރާއްޖޭގެ މޫސުމީ ކަލަންޑަރަށް ބަލާއިރު، ކޮންމެ ނަކަތަކީވެސް ޚާއްޞަ ސިފަތަކަކާއި މޫސުމީ ބަދަލުތަކެއް އެކުލެވިގެންވާ ނަކަތެކެވެ. އެގޮތުން، މިހާރު މި ހިނގާ ނަކަތަކީ ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތް ކަމުގައިވާ "އުތުރަ" ނަކަތެވެ. މިއީ މޫސުމީ ގޮތުން ފާހަގަކޮށްލެވޭ، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ މުހިންމު ނަކަތެކެވެ.
އިހުގެ ދިވެހިންގެ ޢާންމު ބަހުރުވައިންނަމަ، އުތުރަ ނަކަތަކީ "ހަޅަޖަހާ" ނަކަތެކެވެ. މީގެ މާނައަކީ ކުއްލިއަކަށް ވިއްސާރަވެ، ވައި ބާރުވެ، ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވެގެން ދިއުމެވެ. މި ނަކަތުގައި ވައިގެ މިސްރާބު ހުންނާނީ މައިގަނޑު ގޮތެއްގައި ހުޅަނގު އުތުރުންނެވެ. އަދި ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މި ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން ކަނޑުތައް ގަދަވެ، ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
މޫސުމީ ތަފާސްހިސާބުތަކަށް ބަލާއިރު، އުތުރަ ނަކަތުގައި ވާރޭ ވެހޭ މިންވަރު އެވްރެޖްކޮށް ހުންނަނީ 4.59 އިންޗީގައެވެ. ނަމަވެސް، މިއީ ހަމައެކަނި ވާރޭ ވެހޭ ނަކަތެއް ނޫނެވެ. ވިއްސާރައިގެ އިތުރުން، މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މިއީ ވިއްސާރަވުމާއި އަވިދިނުން އެކުލެވިގެންވާ، އެކަމަކު ވައިގަދަ ދުވަސްވަރެކެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ކަނޑުގަދަވި ނަމަވެސް އުތުރަ ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ. މަސްވެރިން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަހަށް ނުކުމެ އުޅުމަކީ އެދެވިގެންވާ ކަމެކެވެ.
އުތުރަ ނަކަތަކީ ހުޅަނގު މޫސުމުގެ ފަހުކޮޅުގެ ނަކަތްތަކުގެ ތެރެއިން ވައިބާރުވެ، ކަނޑުގަދަވާ ނަކަތެކެވެ. މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި، ޚާއްޞަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަން އިސްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
.jpg?w=3840&q=75)



