އައުޓްލޯ ބަލިކޮށް ފަލްކަންސް އިން ސެމީގެ އުއްމީދު ދަމަހައްޓައިފި
އަހުމަދު މާހު
10/30/2024, 5:00:57 PM
ފަލްކަންސް އާއި އައުޓްލޯ ވާދަކުރި މެޗު... ފޮޓޯ: ހުސެއިން އަހުމަދު / ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަނުގައި މިރޭ އައުޓްލޯ ކިންގްސް އާއި ފަލްކަންސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 4-3ގެ ނަތީޖާއަކުން ފަލްކޮންސް އިން ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ފަލްކަންސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ފަލްކަންސް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި އައުޓްލޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-4 ގެ ނަތީޖާއަކުން ފަލްކަންސް ކުރީގައި އޮވެގެންނެވެ..
އެގޮތުން މިމެޗުގައި ފަލްކަންސްގެ އަލީ ޝިއާއު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މިރާސް މުހައްމަދު ވަނީ އެއްލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އައުޓްލޯގެ އަލީ ސިނާހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިމެޗުގައި އައުޓްލޯގެ ނަދީމް މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުއް ރަހުމާން ސާމީ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަލްކަންސްގެ އަލީ ޝިޔާއު އެވެ
މި ނަތީޖާއެކު ކުޅުނު ފަސް މެޗުން ފަލްކަންސްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އައުޓްލޯ ކުޅުނު ފަސް މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.
މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.