

.jpg?w=3840&q=75)





ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
އެމަނިކިފާނު މިފަދައިން ގޮވާލެއްވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި އިއްވެވި ބަޔާނުގައެވެ.
ރާއްޖޭގެ ފަރާތުން މިއަދު ބަޔާން އިއްވަވަަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މީގެ ގާތްގަނޑަކަށް ހަތަރު ދަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް" ގައި ދިވެހިރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ ޢާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށްއަރުވާފައެވެ. އޭރު ދެއްކި މި އިންޒާރުގެ ވާހަކަ މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ތަރައްޤީއަށް ހުރަސްއެޅެމުންދާކަން ފާހަގަކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
އެގޮތުން ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާންޖެހޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެންޖެހޭ ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިންނުކުރެވޭ ކަމަކަށް ޙައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކޮށް ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަޤީންކަން ލިބިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަޙައްދުތަކާއި، ނުވަތަ ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އަދި އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި، ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް، ޤާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ޕްލޭންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިޤްތިޞާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމެނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) ގެ ތެރެއިން ރާއްޖެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުންދާ ކަމަށާއި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ބަޔާން ނިންމަވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ބޭނުންވާ ކަމެއް ކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް، މުސްތަޤްބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އިލްތިމާސްކުރައްވާފައެވެ.


.jpg?w=3840&q=75)



