
ގައްޕޯ ޖަރުމަނު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ދޭއްގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތު ތެރޭގައި ނެދަލޭންޑްސް އިން ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
އަމްސްޓަޑާންގެ ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 12 ވަނަ މިނެޓުގައި ނެދަލޭންސްގެ ޑިފެންޑަރު ވާޖިލް ވަން ޑައިކް ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.
ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން ނެދަލޭންޑްގެ ކުޅުންތެރިއަކު ޖަރުމަނުގެ ކީޕަރަށް ފައުލްކޮށްފައިވާ ކަމަށެވެ. އަދި އޭގެ 20 މިނެޓް ފަހުން ޖަރުމަނުގެ މިޑްފިލްޑަރު ފެލިކްސް މެޗާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު، ނެދަލޭންޑްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯއެވެ.
މިގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގްރީސް އިން ވަނީ 2-1 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށްފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ގްރީސް އާއި ދެކޮޅަށް ކުޅުމަަށްފަހު އޮކްޓޯބަރު އެއްވަނަ ދުވަހު ޖަރުމަނުން ނުކުންނާނީ ސާބިއާ އާއި ދެކޮޅަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު އޮކްޓޯބަރު އެއްވަނަ ދުވަހު ނެދަލޭންސް އިންނުކުންނާނީ ގްރީސް އާއި ދެކޮޅަށެވެ.












