







ކަންމަތި އެސްސީ އާއި ނައިން އެސްސީ ވާދަކުރި މެޗުގެ ތެރެއިން..
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ސެމީފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު ނައިން ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކަންމަތިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ކަންމަތި އެސްސީ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ނައިން އެސްސީ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ކަންމަތިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން މުހައްމަދު އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކަންމަތި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކަންމަތިން ލީޑު ފުޅާކުރި ލަނޑު މުހައްމަދު އިކްރާމް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެސްސީގެ ހުސެއިން މުހައްްމަދު އެވެ.
މިނަތީޖާއެކު މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު ކުޅޭ މުބާރާތުގެ ފަައިނަލުގައި ކަންމަތިން ނުކުންނާނީ ފާއޮޅޭ އެފްސީ އާއި ދެކޮޅަށެވެ. މިދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާއިރު، ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ ކަންމަތިން ނެވެ.
11 ސެޕްޓެމްބަރު 2026 އިން 21 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ޓީމު ސެމީފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ








