
ފެލިކްްސް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ހަތަރެއްގައި ރޭ އަމިއްލަ ދަނޑުގައި ވޭލްސް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ލިސްބަންގެ އެސްޓާޑިއޯ ޖޯސޭ އަލްބަލަޑޭގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޮއާއު ފެލިކްސް އެވެ.
މިއީ ވޭލްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ. މީގެ އިތުރުން ވެސް މިހާފުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިން ނަމަވެސް ވީއޭއަރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މީގެ އިތުރުން މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
މުބާރާތުގައި ޕޯޗުގަލްއަށް ކުރިއަށް އޮތީ މިމަހުގެ 27 ވަނަ ދުވަހު ނޯވޭ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެއްފަހު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޕޯޗުގަލް އިން ނުކުންނާނީ ޑެންމާކާއި ދެކޮޅަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ޑެންމާކާއި އާއި ދެކޮޅަށް ކުޅޭ މެޗަށް ފަހު އޮކްޓޯބަރު އެއްވަނަ ދުވަހު ވޭލްސް އިން ނުކުންނާނީ ނޯވޭ އާއި ދެކޮޅަށެވެ.












