.jpg?w=3840&q=75)






ސްކައުޓް ދަރިވަރުންތަކެއް ހުރާގައި- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން
އެހެން އަހަރުތަކެކޭއެއްގޮތަށް މިއަހަރުވެސް ދިވެހިރާއްޖޭގެ ސްކައުޓް ޖަމްއިއްޔާގެ ފަރާތުން ބާއްވާ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ގެ ފުރަތަމަ ހަރަކާތް މާދަމާ ތިނަދޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑީވްސް އިން ބުނީ ތިނާދޫ ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތް ރާވާ ހިންގަނީ ތިނަދޫ ސިޓީގެ ޖަމްއިއްޔާއެއްކަމަށްވާ، އޯރގަނައިޒޭޝަން ފޯރ ކޮމިއުނިޓީ ރިސެލިއެންސްގެ ދަށުން ހިނގަމުން އަންނަ ރެޒިލިއެންޓް ސްކައުޓުންނެ ސްކައުޓް ގުރޫޕުން ކަމަށެވެ.
ރެޒިލިއެންޓް ސްކައުޓުންނެ ސްކައުޓް ގްރޫޕަކީ ތިނަދޫ ސިޓީގައި ސްކައުޓް ހަރަކާތުގެ ރޫޙު ދިރުވައި، އެ ހަރަކާތުގެ ތެރެއިން ޒުވާނުންނާއި ފުރާވަރުގެ ޢުމުރުގެ ކުދިންނަށް ދިރިއުޅުމަށް ބޭނުންވާ އެކިއެކި ހުނަރުތައް އަށަގެންނެވުމުގެ މަގްސަދުގައި 2025 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސްކައުޓް ގުރޫޕެއް ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ މި އިވެންޓްގައި ޖުމްލަ 250 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި 150 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާ ކަމަށެވެ. އަދި ތިނަދޫ ސިޓީގެ ގިނަ މުޢައްސަސާތަކާއި ޖަމުޢިއްޔާތަކުގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދެވޭ މި ހަރަކާތުގައި ތިނަދޫގެ އިތުރުން، ގއ އަދި ގދ އަތޮޅުގެ ސްކައުޓް ގުރޫޕްތަކުންވެސް ބައިވެރިވާކަމަށް ސްކައުޓް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ މި ހަރަކާތުގައި އެކި ފަރާތްތަކުން ހިންގާ ސްޓޯލްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 70 އަހަރު ފުރުމާއި ގުޅިގެން މުޖުތަމައަށް 1 މިލިއަން ގަޑިއިރުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާއިން ހިންގާ ހަރަކާތާއި ގުޅުވައިގެންނާއި ދައުލަތުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު އާއި ގުޅުވައިގެން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
މި 5 ހަރަކާތުގައި ޖުމްލަ 1،270 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި ސްކައުޓް ލީޑަރުންނާއި ވޮލަންޓިއަރުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނި އެވެ.
މީގެއިތުރުން ސްކައުޓް އެސޯސިއޭޝަނުން ބުނީ ޒޯން 6 (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) އަދި ޒޯން 7 (މާލެ ސިޓީ) ގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ސަރަޙައްދުތަކުގައި ބާއްވާ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ބާއްވާނެ ތާރީޚުތައް ފަހުން އިޢުލާނުކުރެވިގެންދާނެ ކަމަށެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ ޕްރީ-ކަބް އަދި ކަބް ސްކައުޓް ސެކްޝަނަށް ޚާއްސަކޮށްގެން ބާއްވާ މި ދެ ހަރަކާތަކީ އުމުރުން 5 އަހަރާއި 12 އަހާރައި ދެމެދުގެ ކުދިން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރަން ފަހިކޮށްދޭ ފުރުސަތެއް ކަމަށެވެ. އަދި މި އިވެންޓްގައި ހިންގާ ޝައުގުވެރި ހަރަކާތްތަކާއެކު ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވުމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންވާނޭ ގިނަ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭނެކަމަށްވެސް ސްކައުޓް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
.jpg?w=3840&q=75)


