








ޔުއެފާ ނޭޝަން ލީގު ގުރޫޕް ހަތަރެއްގައި ރޭ އަމިއްލަ ދަނޑުގައި ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޯވޭ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނޯވޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު އޮސްކާ ބޮބް އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ޑެންމާކުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކެލް ޑަމްސްގާޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޑެންމާކުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ.
ނޯވޭ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ހާލަންޑް އެވެ. އަދި މިލަނޑާއެކު 3-2 ގެ ނަތިޖާއަކުން ނޯވޭ ކުރީގައި އޮވެ މެޗު ނިމެންދަނިކޮށް، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނޯވޭގެ ޑިފެންޑަރު ޑޭވިޑް ވޮލްފްއަަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ވަނީ ރަތް ކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު ނޯވޭ އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. އަދި މިނަތީޖާއެކު ގުރޫޕް ހަތަރެއްގެ އެއްވަނައިގައި ލަނޑުގެ ތަފާތުން ނޯވޭ މިވަގުތު އޮތްއިރު، އެޓީމަށް ކުރިއަށް ދެން އޮތީ ދެވަނައިގައި އޮތް ޕޯޗުގަލް އާއި ދެކޮޅަށް މިމަހުގެ 27 ވަނަ ދުވަހު ކުޅޭ މެޗެވެ. އަދި އެއްފަހު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނޯވޭ އިން ނުކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ.




