








ތްރީޑީ ސްޕޯޓްސް ކުލަބު ގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..ފޮޓޯ: ގާފު ސްޕޯޓްސް
ޑީސައިންގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ، މިއަހަރުގެ ހުރާ ކައުންސިލް ފުޓްބޯޅަ މުބާރާތް " ހުރާ ކައުންސިލް ކަޕް 2026" ގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ތްރީޑީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ތްރީޑީ ސްޕޯޓްސް ކުލަބު ހޯދީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީމު ޖޯކާރސް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު އެވެ.
މުބާރާތުގެ ފައިނަލުން ޓީމު ޖޯކާރސް ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ބްލަޑްޒް އެފްސީ ބަލިކުރުމަށްފަހު އެވެ. އަދި ތްރީޑީ ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 6-2 ގެ ނަތީޖާއަކުން ރަންމާ ބަލިކުރުމަށްފަހު އެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ތްރީޑީ ސްޕޯޓްސް ކުލަބު މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ތްރީޑީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޓީމު ޖޯކާރސް އިން ވަރުގަދަކޮށް ފެށިއިރު، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑަކީ ތްރީޑީ ސްޕޯޓްސް ކުލަބުގެ ކީޕަރު ހުސެއިން ޝިމާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ
ތްރީޑީ ސްޕޯޓްސް ކުލަބުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިލް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު ތަސްމީން އެވެ.
10 ސެޕްޓެމްބަރު 2026 އިން 19 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ އަށް ޓީމު ވާދަކުރިއިރު،މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމަށް ސެމީފައިނަލުން ފުރުސަތު ލިބޭގޮތަށެވެ.








