އަމިއްލަ ދަނޑުގައި އަލް ރައްޔާން އަތުން އަލް ނަސްރަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
9/30/2024, 11:05:57 PM
އަލް ރައްޔާން އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން..
އޭއެފްސީ ޗެމްޕިއަންސް ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޤަތަރުގެ އަލް ރައްޔާން އާއި ދެކޮޅަށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކާމިޔާބުކޮށްފިއެވެ.
މިމުބާރާތުގައި އަލް ނަސްރު ކުޅުނު ފުރަތަމަ މެޗުގައި އިރާގުގެ އަލް ޝޯޓާއައި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އަލް ރައްޔާނުގެ ފުރަތަމަ މެޗުގައި ސައުދީ ޕްރޮފެޝަނަލް ލީގު ޗެމްޕިއަން އަލް ހިލާލް އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުންނެވެ. މިލަނޑު ފުރަތަމަ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސަޑިއޯ މާނޭ އެވެ.
މިއީ އެޓީމުގެ ސުލްތާން އަލް ޣަންނާމު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުނުް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓްގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މިމެޗުގައި އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރިއިރު، މިއީ މިސީޒަނުގައި ކުޅުނު އަށް މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
އަލް ރައްޔާން އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޖާ ގުޑޭސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިނަތިޖާއެކު ކުޅުނު ދެ މެޗުން އަލް ނަސްރަށް ހަތަރި ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ރައްޔާން ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ 12 ޓީމު ހިމެނޭ ލީގު ތާވަލުގެ 11 ވަނައިގައެވެ.
މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ އޭޝިއާގެ އެންމެ ވަރުގަދަ 12 ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. އަދި ކޮންމެ ޓީމަކުން އަށް މެޗު ކުޅެ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.