
އަންހެން ޑަބަލްސް ޗެމްޕިއަން ވިސާމާ އާއި ފައިނާޒްގެ ޕެއާ ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަަތަމަ ޑިވިޝަން އަންހެން ޑަބަލްސް ޗެމްޕިއަންކަން އާމިނަތު ވިސާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި އާމިނަތު ވިދާދު އާއި އައިޝަތު ނަހުފާގެ ޕެއާ އާއި ވާދަކޮށް އާމިނަތު ވިސާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް 12 ޕޮއިންޓްގެ ލީޑަކާއެކު 10-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާމިނަތު ވިސާމާ އާއި އައިޝަތު ފައިނާޒްގެ ޕެއާ އިންނެވެ.
ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ފަސޭހަކަމާއެކު 25-04 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އާމިނަތު ވިދާދު އާއި އައިޝަތު ނަހުފާގެ ޕެއާ އިން މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ވިސާމާ އާއި ފައިނާޒްގެ ޕެއާ އިން ކާމިޔާބުކުރީ 16-17 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ އާމިނަތު ނިފާޝާ އާއި އާމިނަތު ސިޔާމާގެ ޕެއާ އިންނެވެ.
މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ފާތިމަތު ރަޔާނާ އާއި އާމިނަތު ސުބާގެ ޕެއާ އާއި ވާދަކޮށް ނިފާޝާ އާއި އާމިނަތު ސިޔާމާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 15-17 އަދި 07-22 ގެ ނަތީޖާއަކުންނެވެ.
08 އޮކްޓޯބަރު 2026 އިން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން އަންހެން ޑަބަލް އިވެންޓުގައި މިއަހަރު ޖުމްލަ 05 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.
















