








ރޮޖާރ އަދި ހެންޑަސަން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 1-0 ގެ ނަތީޖާއަކުން ވަނީ އެޓީމު ވަނީ ބަލިވެފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ތިން މިނެޓުތެރޭގައި ޗެލްސީ އިން ދެލަނޑު ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޗެލްސީ އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބޯންމައުތުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގަައި ޗެލްސީގެ ޖޯޑަން ހެންޑަސަން އަދި ޖޮއާއު ޕެޑްރޯ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މޯގަން ރޮޖާރ އެވެ. އަދި މިމެޗުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެވަނިލްސަން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ޗެލްސީއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.




