




.jpg?w=3840&q=75)



ބްރޫނޯ ގުއިމަރޭސް ލީޑްސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު. ލީޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލީޑްސް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭމްސް ޖަސްޓިން އެވެ.
ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އާސެނަލްގެ ޑިފެންޑަރު ރިކާޑޯ ކަލިފިއޮރީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ބުރޫނޯ ގުއިމަރޭސް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން އާސެނަލްއަށް 15 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލީޑްސް އިން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.




