




.jpg?w=3840&q=75)
%20(1).jpg?w=3840&q=75)


އަލް އިއްތިފާގައި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން..
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް އިއްތިފާގުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދަމްމާމްގެ އަބްދުﷲ އަލް ދާބިލް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ފެށިގެން 12 ވަނަ މިނެޓުގައި އަލް ނަސްރުގެ ބްރެޒިލް ކީޕަރު ބެންޓޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އަލް ނަސްރުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
އަލް ނަސްރުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އަލް އިއްތިފާގުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އޮންޑްރެޖް ޑޫޑާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މިޑްފިލްޑަރު އަލްވާރޯ މެޑްރަން ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އަލް ނަސްރުން ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި އަބްދުﷲ އަލް ޚައިބަރީ ކުޅެންނުކުތްއިރު، މެޗުގެ 74 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޑިފެންޑަރު އަބްދުﷲ އަލް އަމްރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އަލް ނަސްރުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މާނޭ އެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އަލް ނަސްރު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އަލް އިއްތިފާގު މިވަގުތު އޮތީ ލީގުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ހަ ވަނައިގައެވެ.







%20(2).jpeg?w=3840&q=75)
