
.jpg?w=3840&q=75)






މާލެ އަތޮޅު ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒިރު ޤީލާ ޢަލީއެވެ. ވަޒީރު ވަނީ މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު، ޚިދުމަތްދޭން ތައްޔާރުކޮށްފައިވާ އެތަން ބައްލަވާލައްވާފައެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޚިދުމަތުގެ ސަބަބުން އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި އާޢީލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ބޭނުންތެރި ފަރުވާއެއް ކަމަސާއި މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަކަމެއް ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ދަތުރުފަތުރުގެ ދަތިކަމާ މާލެއަށް ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ކުރަން އުފުލަންޖެހުނު ބޮޑު ބުރައެއް. ނަމަވެސް ރަށުގައި މި ޚިދުމަތް ޤާއިމްކުރެވުމުން ދިއުމަކީ އެދަތިކަމަށް ލުޔެއް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް." ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.ވަޒީރު ޤީލާ ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާ ޚިދުމަތް ދެމުންދާގޮތާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.
ކާށިދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. ދުވާލެއްގެ މައްޗަށް 25 އާއި 30އާ ދެމެދުގެ މީހުންނަށް ފަރުވާދޭއިރު ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދު ހުރެއެވެ. މި ޞިއްޙީ މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން އީސީޖީގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެކްސްރޭގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.

.jpg?w=3840&q=75)


