
މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާދެމުން އަންނަނީ އަދިވެސް ސަރުކާރުގެ މައި ހޮސްޕިޓަލް - އައިޖީއެމްޗުގައި ވެންޓިލޭޓަރުގައި ކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި އެކްސިޑެންޓަކީ ބުދަ ދުވަހުގެ ރޭ މެންދަމު ގަޑިން 2:55 އެހައިކަންހާއިރު، ހުޅުމާލެ 2ގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ.
އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބުނެވެ.
އެމީހުން ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.
އައިޖީއެމްއެޗުން ބުނީ އެ އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންދިޔައީ ޖުމުލަ ފަސް މީހެއް ކަމަށާއި ދެ މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ.
މީގެ އިތުރުން، ބާކީ ތިބި ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ، ވޯޑުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.
ނަމަވެސް، ބަލި މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އޮންނަ އުސޫލުގެ ދަށުން އެ މީހުންނަށް ލިބުނު އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
އެކްސިޑެންޓުވި އެއް ސައިކަލަށް ތިން މީހުން އަރުވައިގެން ދުއްވާފައިވެއެވެ. އެ ސައިކަލު ދުއްވީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.
އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.
















