
މިކްސް ޑަބަލްސް ޗެމްޕިއަން ހުޖާން އާއި ނަހުފާގެ ޕެއާ... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން މިކްސް ޑަބަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އިން ހޯދައިފިއެވެ.
ފައިނަލުގައި ހަސަން ނާޒިމް އާއި އާމިނަތު ވިދާދުގެ ޕެއާ އާއި ވާދަކޮށް އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ކެރަމް ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 15-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިބްރާހިމް ހުޖާން އަލީ އާއި އައިޝަތު ނަހުފާގެ ޕެއާ އިންނެވެ.
ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 15-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހަސަން ނާޒިމް އާއި އާމިނަތު ވިދާދުގެ ޕެއާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާނެރުމަށް ކުޅުނު ތިންވަނަ ސެޓް 11-25 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ހުޖާން އާއި ނަހުފާގެ ޕެއާ އިން ވަނީ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
މީގެ އިތުރުން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ތިންވަނަ ހޯދީ މުހައްމަދު މުންތަސިރު އާއި އާމިނަތު ސިޔާމާ ގެ ޕެއާ އިންނެވެ.
މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އާދަމް އަދީބް އާއި ފާތިމަތު ރަޔާނާގެ ޕެއާ އާއި ވާދަކޮށް މުހައްމަދު މުންތަސިރު އާއި އާމިނަތު ސިޔާމާގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 24-10 / 12-23 / 25-17 ގެ ނަތީޖާއަކުންނެވެ.
08 އޮކްޓޯބަރު 2026 އިން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަން މިކްސް ޑަބަލް އިވެންޓުގައި މިއަހަރު ޖުމްލަ 09 ޕެއާ އަކުން ވަނީ ވާދަކޮށްފައެވެ.
















