








MNU JOB FESTIVAL 22 | | | 01656
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން އެމްއެންޔޫ ފަހި ފުރުސަތު ނަމުގައި ބާއްވާ ޖޮބް ފެސްޓިވަލް މިއަދު ފަށައިފި އެވެ.
މާލޭގެ އިތުރު ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދާ މި ފެސްޓިވަލަކީ އެ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ.
މި ޖޮބް ފެސްޓިވަލް ކުރިއަށް ގެންދާނީ، މިއަދާއި މާދަމާ ހަވީރު 04:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ. މި ފެސްޓިވްލް ކުރިއަށް ގެންދަނީ އެމްއެންޔޫ މާލެ، ލ. ގަން، ގދ. ތިނަދޫ، އައްޑޫސިޓީ އަދި ކުޅުދުއްފުށީ ކެމްޕަސްގައެވެ.
އެމްއެންޔޫގެ ފަސް ކެމްޕަހެއްގައި ޖުމްލަ 63 ސްޓޯލާއި އެކު ކުރިއަށް ދާ ފެސްޓިވަލްގައި 53 އެގްޒިބިޓަރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި މިނިސްޓްރީތައް ވެސް ހިމެނެ އެވެ. މި ފެސްޓިވަލުގައި ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.
އެމްއެންޔޫ އިން ވަނީ ހަމަ މިފަދަ ޖޮބްފެއާ މީގެކުރިންވެސް ބާއްވާފައެވެ. ނަމަވެސް އެފަހަރު ޖޮބްފެއާ ހުޅުވާލާފައިވަނީ މާލެ ކެމްޕަހުގައި އެކަންޏެވެ.
އެމްއެންޔޫ އިން ބާއްވާ ވަޒީފާގެ މައުރަޒަކީ ރާއްޖޭގެ ވަޒީފާތައް އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ މީހުންނަށް އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ މީހުންނާ ގުޅުވައިދޭ ބާޒާރެކެވެ.
އެމްއެންޔޫން ބުނީ އެ ވަޒީފާގެ މައުރަޒު ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއަސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާއްމުންނަށް ދައްކާލެވޭނެ ފުރުސަތުތައް ތަނަވަސް ކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.




