.jpg?w=2048&q=75)
ތެވެލި ބައިނަލްއަގްވާމީ ކޮންފަރެންސް މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވުމުގެ ތެރެއިން- ފޮޓޯ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ "ތެވެލި" ބައިނަލްއަގްވާމީ ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
"ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ 2026" ރަސްމީކޮށް އިފްތިތާހްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އޮންނަ މި ކޮންފަރެންސް ބާއްވަމުން އަންނައިރު މި އަހަރުގެ ކޮންފެރެންސް ފަށާފައިވަނީ 330 ދިރާސީ ކަރުދާހާއެކުގަ އެވެ. އަދި މި އަހަރުގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ.
މި ކޮންފަރެންސްގެ އެކިއެކި ސެޝަންތަކުގައި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު އިލްމީ ދިރާސާތައް ހައްދަވާ ޕްެރޮފެސަރުން އަދި ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި، ގައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި މަހުގެ 17 ވަނަ ދުވަހު ފަށައިގެން 19 ވަނަ ދުވަހާހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަށް، ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ލިބިފައިވަނީ 330 ކަރުދާސް އެވެ. އަދި މިއީ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.
މި ކޮންފަރެންސްއަށް ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 25 ގައުމަކަުން ދިރާސާތައް ހިމެނޭއިރު، ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އާ އީޖާދުތަކާއި ޓެކްނޮލޮޖީ، ސައިންސާއި ސިއްހީ ދާއިރާ، ދުނިޔޭގެ މަސްލަހަތާއި ސުލްހަ، ތައުލީމީ ދާއިރާ، އަންހެންނާއި ފިިރިހެނުންގެ ހަމަހަމަކަން، އިޤްތިސޯދާއި މާކެޓް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ މަތީ ތައުލީމީ ނިޒާމަކީ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމެވެ. އަދި އެމްއެންޔޫ އަކީ އާ އިލްމު އުފައްދާ، ކުރިއަރުވާ ތަނަކަށް ހެދުމާއި، ގައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކަކީ އިލްމީ ދިރާސާތަކަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމުގެ އެހީތެރިވުންވެސް މި ކޮންފަރެންސްގެ މަގްސަދަކަށް ހިމެނެ އެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)





.jpg?w=3840&q=75)


