








-
މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޕޭ ޓޮއިލެޓްތައް ހުރި ބިންތައް، ސެލްފް ފައިނޭންސިންގ އުސޫލުން އަމިއްލަ ޚަރަދުގައި ތަރައްޤީކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ޢާންމުކޮށް ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މުހިންމު ހަތަރު ސަރަޙައްދެއްގައި ހުރި ފާޚާނާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިކަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޕަބްލިކް ފާޚާނާތައް އަލުން ތަރައްޤީކުރާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފާޚާނާތަކުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްޞަދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، އަލަށް ތަރައްޤީކުރެވޭ މި ފާޚާނާ ބަރިތަކުގައި ޒަމާނީ ފެންވަރުގެ ޗޭންޖިންގ ރޫމްތަކާއި، އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަކުރެވިފައިވާ ވަކި ފާޚާނާ ބަރިތައް ހިމެނޭނެ ކަމަށެވެ. މި ބަދަލުތަކާއެކު މާލޭގެ މަގުތަކާއި އާންމު ސަރަޙައްދުތައް ބޭނުންކުރާ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.








