








-
ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ނުހަނު ބޮޑު ކަމުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ މުހިންމު ވަސީލަތްތަކެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ބަލާއިރު ޓެކްނޮލޮޖީގެ ޒަރީޢާއިން އީޖާދީ އުފެއްދުންތައް ބޭނުންކޮށްގެން ދިމާވާ ޢަމަލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ އިތުރުން، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރުދަނާ އަދި ލާމެހިފައިވާ ނިޒާމެއް ޤާއިމުކޮށް އިޤްތިޞާދީ ދުވެލި ހަލުވިކުރެވިދާނެ ކަމަށެވެ.
މީގެއިތުރުން، ހަރުދަނާ ސިޔާސަތުތަކާއި ވަރުގަދަ މުއައްސަސާތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުތަކުގެ ޒިންމާއެއް ކަމަށާއި، އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތައް އިތުރުކޮށް ކުރިއެރުން ހޯދައިދޭ މައިގަނޑު ބާރު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ތަރައްޤީގެ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ދައުލަތްތަކުގެ އިތުރުން ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.








