








-
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި، ޝާމިލު އަދި ވިލުންތެރި ތަރައްޤީއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ދިވެހި ސަރުކާރާއި އދ. ގުޅިގެން "ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް (UNSDCF) 2027–2031" ގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒަންގް އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އދ. ގެ އެކި އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފްރޭމްވަރކަކީ ޤައުމީ ފެންވަރުގައި އދ. އިން އެކުލަވާލާ އެންމެ މަތީ ފަންތީގެ ސްޓްރެޓީޖިކް ޕްލޭނެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ތަރައްޤީގެ އިސްކަންދޭ ކަންކަމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (SDGs) ހާސިލުކުރުމަށްޓަކައި، އދ. ގެ ތަރައްޤީގެ ނިޒާމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނީ މި މަގުޗާޓުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ ތަސައްވުރާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ފްރޭމްވަރކްގެ ކާމިޔާބީ މިންކުރަންވާނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ އަދި ފެންނަން ހުންނަ ބަދަލުތަކުން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒަންގް ވިދާޅުވި ގޮތުގައި، މި ފްރޭމްވަރކްގެ ދަށުން އދ. ގެ 16 އެޖެންސީއެއް ގުޅިގެން ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި FAO، UNDP، UNICEF، WHO، އަދި UNESCO ފަދަ މުހިންމު އިދާރާތައް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ކުރިއެރުން ބަލައި، ޤައުމީ އިސްކަންދޭ ދާއިރާތަކާ އެއްގޮތަށް ކަންކަން ތަންފީޒުވަމުންދާކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ގަވަރނަންސް ނިޒާމެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.








