








-
ދިވެހިރާއްޖޭގެ ތިމާވެށްޓާ ރައްޓެހި އަދި ކާބަން މަދު ތަރައްޤީއަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ސެމިނާގެ ތެރެއިން، ރާއްޖޭގެ "ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް" ގްރީން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކާ ހިއްސާކޮށްފިއެވެ.
މި މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ "ސެމިނާ އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ފޯ މޯލްޑިވްސް" ގެ ތެރެއިން ކުރިއަށްދިޔަ އެންޓަޕްރައިޒް އެކްސްޗޭންޖް ސެޝަންގައެވެ. ދިވެހި ވަފުދުގެ ފަރާތުން މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު މަޢުސޫމެވެ.
މި ސެޝަންގައި އަޙްމަދު މަޢުސޫމް ވަނީ ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އަދި ފެހި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ތަނަވަސް ފުރުސަތުތަކާ ގުޅޭގޮތުން ބައިވެރިވި ކުންފުނިތަކަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދެއްވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކުރިއަރާފައިވާ ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ތިމާވެށްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމެވެ. މި ސެމިނާގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.








