





.jpeg?w=3840&q=75)

aa
ބަރުދަން ލުއިކުރާ ކަމަށް ބުނާ ބޭހެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަރުދަން ލުއިކުރުމުގެ ކްލައިމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުންގެންދާ Ayu Surut Jamu ގައި ޑޮކްޓަރީބޭސް، Lidocaine އަދި Sibutramine ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން ދައްކާކަމަށެވެ. އަދި މިސަބަބާއި ހުރެ، މި ޕްރޮޑަކްޓް ވަނީ ދުނިޔޭގެ ގައުމުތަކުގައި މަނާކޮށްފައެވެ.
100 ޕަސެންޓް ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިޝްތިހާރުކޮށްފައިވާ އުފެއްދުމުގައި ހިމެނޭ Lidocaine އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު މި ބޭސް ކެއުމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަން ތާޒާ ކުރެވިފައިވެސް ނުވާކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން Sibutramine އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއްކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ، މިބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުން ހިމެނެއެވެ.
އެހެންކަމުން މިޕްރޮޑަކްޓް (Ayu Surut Jamu) ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް އަދި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ބައްލަވައިގަންނަވާއިރު، ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ "ހެލްތް ފްރޯޑް" ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށްވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.








