
im-616853
އަޔަލޭންޑުގެ ޑާޓާ ޕްރޮޓެކްޝަން ކޮމިޝަނުން (ޑީޕީސީ)، އިންސްޓަގްރާމް 402 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ޑީޕީސީން އިންސްޓަގްރާމް ޖޫރިމަނާކޮށްފައިވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު އެކުންފުނިން ގެންގުޅުމުގައި ފަރުވާކުޑަކުރުމާއި ގުޅިގެން ކަމަށް ބުނެއެވެ.
ޑީޕީސީން މިކަމުގެ ތަހުގީގު ފެށީ މީގެ 2 އަހަރު ކުރިންނެވެ. ޑީޕީސީން ބުނި ގޮތުގައި އުމުރުން 13-17 އަހަރުގެ ކުޑަކުދިންނަށް ބިޒްނަސް އިންސްޓަގްރާމް އެކައުންޓްތައް ހުޅުވޭގޮތަށް އޮތީ ފަހިވެފައެވެ. އެއާއެކު އެކުދިންގެ ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސް ފަދަ ޒާތީ މައުލޫމާތުތަކެއް އާއްމުވެފައިވާކަމަށް ޑީޕީސީން ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުންވެސް ޑީޕީސީން ވަނީ ބައެއް ކުޑަކުދިންގެ އެކައުންޓްތައް ޑިފޯލްޓްކޮށް ޕަބްލިކް ކުރިކަމަށްވެސް ތުހުމަތުކޮށްފައެވެ.
މިއީ ޑީޕީސީން މެޓަ ކުންފުންޏާ ދެކޮޅަށް ކުރި 3ވަނަ އަދި އެންމެ ބޮޑު ޖޫރިމަނާއެވެ. ޑީޕީސީން ވަނީ މީގެ ކުރިން ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީ މައްސަލައަކާ ގުޅިގެން 267 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއްވެސް ކޮށްފައެވެ. އަދި ސެކިއުރިޓީ މައްސަލަތަކާއި ގުޅިގެން ޑީޕީސީން ވަނީ މީގެ ކުރިން މެޓަ ކުންފުނި 18.6 މިލިއަން އެމެރިކާ ޑޮލަރުންވެސް ޖޫރިމަނާކޮށްފައެވެ.
މި ޖޫރިމަނާއާ ގުޅިގެން މެޓަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނަފައިވަނީ، އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމުން ޑިފޯލްޓްކޮށް އެކައުންޓް ޕަބްލިކްވާގޮތް އެކުންފުނިން ހެދީ ނިމިދިޔަ އަހަރުގައި ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ނަމަ އޮޓޯމެޓިކް ކޮށް އެ އެއެކައުންޓް ޕްރައިވެޓް ވާނެކަމަށެވެ. އަދި ކުޑަކުދިންނަށް އެކުދިން ފޮލޯ ނުކުރާ ބޮޑެތި މީހުންނަށް މެސެޖުވެސް ނުކުރެވޭނެ ކަމަށް މެޓަ ގެ ބަޔާނުގައި ބުނެފައިވެއެވެ.
މެޓައިން ބުނެފައިވަނީ އެކުންފުނި ޖޫރިމަނާކުރުމަށް ޑީޕީސީން ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށާއި އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





