
ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެއްޗަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، އަދި ބޭނުންކޮށްލަން ފަސޭހަ އެއްޗަކަށް ވުމުން މިއީ ކޮންމެ ގެއެއްގެ ބަދިގޭގައިވެސް އާންމުކޮށް ގެންގުޅޭ އެއްޗެކެވެ.
ނަމަވެސް ބައެއް ފަހަރު ފިހާރައިން ގަންނައިރު، ނުވަތަ ގޭގައި ގެންގުޅުމުގެ ތެރޭގައި ވެއްޓި ދަޅު ބަނޑިވެ ވަޅުވަދެފައި ހުރެއެވެ. މިގޮތަށް ހުންނަ ދަޅުގައި ހުންނަ ކާނާ ބޭނުންކުރުން ރައްކާތެރިތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުންނާ ލަފާ ދޭ ގޮތުގައި، ދަޅުގައި ހުންނަ ކޮންމެ ވަޅުގަނޑަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ ގެއްލުންތަކުގެ ސަބަބުން އޭގައި ހުންނަ ކާނާ ވިހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ހާލަތްތަކަށް ބަލާއިރު، ދަޅުގެ މެދުތެރޭގައި އާދައިގެ ކުޑަ ވަޅުގަނޑެއް ހުރިނަމަ، އަދި އެ ވަޅުގަނޑުގައި އިނގިލި ބާއްވާލެވޭހާ ފުންމިން ނެތްނަމަ އެއީ އާންމުގޮތެއްގައި ބޭނުންކުރަން ރައްކާތެރި ދަޅެކެވެ.
އެހެންނަމަވެސް ބޭނުންކުރުން ނުރައްކާތެރި އަދި އެއްލާލަންޖެހޭ ހާލަތްތަކެއްވެސް ހުރެއެވެ. އެގޮތުން ދަޅުގެ މަތީގައި ނުވަތަ ތިރީގައި ހުންނަ ބީޑުގަނޑު، ނުވަތަ ދަޅު ގުޅުވާފައި ހުންނަ ފަހެރިއަށް ވަޅުވަދެ ގެއްލުންވެފައި ހުރިނަމަ، ދަޅުގެ އެތެރެއަށް ވައި ވަނުމުގެ ފުރުސަތު ބޮޑުވެއެވެ.
ހަމައެއާއެކު، ދަޅުގައި ހުންނަ ވަޅުގަނޑު މާބޮޑަށް ފުންވެފައިވާނަމަވެސް ނުރައްކާ ބޮޑެވެ. އޭގެ ސަބަބުން ދަޅުގެ އެތެރޭގެ ލޭޔަރަށް (ލައިނިންގ އަށް) ގެއްލުންވެ، ކާނާގެ ތެރެއަށް ދަނގަޑުގެ އަސަރު ފޯރާގޮތް މެދުވެރިވެއެވެ.
މީގެ އިތުރުން، ދަޅު ފުއްޕާފައި ހުރުމަކީ އޭގެ އެތެރޭގައި ނުރައްކާތެރި ބެކްޓީރިއާ އުފެދި ގޭސް އުފެދިފައިވާކަމުގެ އެންމެ ބޮޑު ނިޝާނެވެ. މިއީ އެއްގޮތަކަށްވެސް ބޭނުންކޮށްގެންވާނެ އެއްޗެއް ނޫނެވެ.
މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ދަޅުގެ ތެރެއަށް 'ބޮޓިއުލިޒަމް' ކިޔާ ނުރައްކާތެރި ބައްޔެއް ޖައްސާ ބެކްޓީރިއާ އުފެދުމުގެ ފުރުސަތު ބޮޑެވެ.
އެހެންކަމުން، ދަޅުކާނާ ގަންނައިރު އޭގެ ބޭރުފުށަށް ގެއްލުމެއް ލިބިފައިވޭތޯ ރަނގަޅަށް ބެލުމަށްފަހު ގަތުމަކީ ސިއްހީ ގޮތުން އެންމެ ރައްކާތެރި ގޮތެވެ. ޝައްކުވާފަދަ ހާލަތެއްގައިނަމަ، އެ ދަޅެއް އެއްލާލުން އެއީ އެންމެ ބުއްދިވެރި ގޮތެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)






