.jpeg?w=3840&q=75)
އޮއިވަރު
ރާއިދުގެ އަތުގައި އޮތް ރީނދޫވެފައިވާ ބާ ކަރުދާސްގަނޑު ތުރުތުރުލަމުންދިޔައެވެ. އޭގެ މަތީގައި ޖަހާފައިވަނީ މީގެ ތިރީސް އަހަރު ކުރީގެ ތާރީޚެކެވެ. އެއީ ރާއްޖޭގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓަކާއި، ކާފަ ޤާސިމްގެ އަމިއްލަ އަތުން ލިޔެފައިވާ ސިއްރު ވަޞިއްޔަތެކެވެ.
"މަންމާ..." ރާއިދުއަށް ކެތްނުކުރެވިގެން ކަރުދާސްގަނޑު ޝިޔާމާގެ ކުރިމައްޗަށް ދިއްކޮށްލިއެވެ. "މިއީ... މިއީ ކޮން އެއްޗެއް؟ މީގައި މި އޮތީ ބޮޑުބޭބެ ކައިލްއަކީ ކާފަގެ އުފަން ދަރިއެއް ނޫން ކަމަށް! އޭނާއަކީ ކާފަ ކުޑަކުދިންގެ ހިޔާއިން ބަލައިގަތް ކުއްޖެއް ކަމަށް!"
ޝިޔާމާ މޫނުގައި އަތްއަޅައި ބާރަށް ރޮއިގަތެވެ. ކޮޓަރިތެރެއަށް ވެރިވީ ފުން ހިމޭންކަމެކެވެ.
"އާނ، ދަރިފުޅާ..." ޝިޔާމާ ގިސްލަމުން ވާހަކަދެއްކިއެވެ. "އެއީ ހަމަ ހަގީގަތް. ކާފައާއި މާމައަށް ކައިލް ފެނުނީ ކުޑަކުދިންގެ ހިޔާއިން. އޭރު ބައްޕަމެންނަށް ދަރިއަކު ނުލިބިގެން އުޅެނިކޮށް ކައިލް ގެނައީ. އޭގެ ދިހަ އަހަރު ފަހުން މަންމަ އުފަންވީ. ކާފަ ދުވަހަކުވެސް ކައިލްއަށް އެކަން އަންގާކަށް ބޭނުމެއް ނުވި. ކާފަ އޭނާއަށް ދިނީ އަމިއްލަ ލޭގެ ދަރިއަކަށްވެސް ނުދޭނެ ފަދަ ލޯތްބާއި ބާރު."
"އެހެންވީމާ... އެހެންވީމާ ކާފަ 'އަލްފާ ގްރޫޕް' ގެ ބޮޑުބައި އަހަރެންގެ ނަމަށް ބަދަލުކުރަން އުޅުނީ މިހެންވެގެންންތަ؟" ރާއިދު އެހިއެވެ.
"ނޫން،" ޝިޔާމާ ބޯ ހޫރާލިއެވެ. "ބައްޕަ އަބަދުވެސް ބޭނުންވީ ކުންފުނީގެ ބޮޑުބައި ކައިލްއަށް ދޭން. އެކަމަކު މީގެ ހަފްތާއެއް ކުރިން ބައްޕައަށް އެނގުނީ... ކައިލް ސިއްރުން ބައްޕަގެ ކާބޯތަކެއްޗަށް ކުޑަޑޯޒަކުން ވިހަ އެއްޗެއް އަޅަމުންދިޔަކަން! ބައްޕަ ބަލިކޮށްލައި، މަގާމުން ދުރުކުރަންވެގެން ކައިލް ކުރި ކަމެއް އެއީ. ބައްޕައަށް އެކަން އެނގުމުން، ކައިލްއަށް އެއްވެސް މުދަލެއް ނުދޭން ނިންމައި، ހުރިހާ އެއްޗެއް ދަރިފުޅަށް ބަދަލުކުރަން އުޅެނިކޮށް ބައްޕައަށް ސްޓްރޯކް ޖެހުނީ."
ރާއިދުގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ކައިލްއަކީ ހަމައެކަނި ދަހިވެތި ވިޔަފާރިވެރިއެއް ނޫނެވެ؛ އޭނާއަކީ ގާތިލެކެވެ! އޭނާ އެއުޅުނީ އޭނާ ބަލާބޮޑުކުރި މީހާ މަރާލާށެވެ.
މާލޭގެ ޖަލުގެ ގޮޅިތަކުގެ ބޭރުގައި ކައިލް އިނީ ކުޑަ ދަގަނޑު މޭޒެއްގެ ދޮށުގައެވެ. އޭނާގެ ކުރިމަތީގައި އިށީނދެގެން އިނީ ރާއިދުއެވެ.
"ކީއްކުރަން ކަލޭ ތިއައީ؟" ކައިލް މަލާމާތުގެ ރާގަކަށް އެހިއެވެ. "މަގޭ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ނުފެނިގެން ހާސްވެގެން ދޯ ތިއުޅެނީ؟ ކަލެއަށް އެ ފައިސާއެއް ނުފެންނާނެ. 'އަލްފާ ގްރޫޕް' ބަނގުރޫޓުވެގެން ނެތިގެންދާ މަންޒަރު ބަލަން އަހަރެން މިހިރީ ތައްޔާރަށް."
ރާއިދު އެއްވެސް އެއްޗެއް ނުބުނެ، މޭޒުމަތީގައި ބޭއްވީ އޭނާ ގެނައި ސިއްރު ސިޓީއުރައެވެ. އޭގެ ތެރެއިން ކައިލްގެ އުފަންދުވަހުގެ ސެޓްފިކެޓާއި، ޤާސިމް ލިޔެފައިވާ ވިހައިގެ ތަހުގީގީ ރިޕޯޓް ނަގައި ދެއްކިއެވެ.
ކައިލް އެ ލިޔުންތަކަށް ބަލާލުމާއެކު، އޭނާގެ މޫނުން މުޅިން ކުލަވަރު އޮއްސުނެވެ. އޭނާގެ ދެލޯ ބޮޑުވެ، ހާސްކަން މޫނުމަތިން ފާޅުވިއެވެ.
"މިއީ... މިއީ ދޮގެއް!" ކައިލް ހަޅޭއްލަވައިގަންނަން އުޅުނެވެ. "އަހަރެން މިއީ ޤާސިމްގެ ދަރިއެއް!"
"ބޮޑުބޭބޭ،" ރާއިދުގެ އަޑު ހުރީ ވަރަށް ފިނިކޮށެވެ. "ކާފަ ކަލެއަށް ދިނީ އަމިއްލަ ދަރިއަކަށްވެސް ނުދޭނެ ފަދަ އުފާވެރި ދިރިއުޅުމެއް. އެކަމަކު ކަލޭ ބަދަލުގައި ދިނީ ވިހަ. މިހިރީ ކާފަ ނިޔާވުމުގެ ކުރިން ހަދާފައިވާ މެޑިކަލް ރިޕޯޓްތައް. ކާފަގެ ހަށިގަނޑުން އެ ވިހަ ފެނިފައި އެބަހުރި. ކަލޭގެ މައްޗަށް މިހާރު ހަމައެކަނި އޮތީ މަކަރާއި ހީލަތުގެ ދައވާއެއް ނޫން. މިއީ ގަސްތުގައި މީހަކު މަރަން އުޅުމުގެ ދަޢުވާ."
ކައިލްގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. އޭނާގެ ބާރާއި އަގުވެއްޓި މުޅި މީހާ އެއްކޮށް ފުނޑުފުނޑުވީއެވެ. ކޯޓުގައި މި ހެކިތައް ދައްކައިފިނަމަ، އޭނާ މުޅި އުމުރު ހޭދަކުރަން ޖެހޭނީ ޖަލުގައެވެ.
"ކަލޭ... ކަލޭ ކީއްކުރަން ބޭނުންވަނީ؟" ކައިލް ބަލިގަބޫލުކުރާ ރާގަކަށް އެހިއެވެ.
"އަހަރެން ބޭނުންވަނީ ބޭރުގެ އެކައުންޓަށް ބަދަލުކުރި 'އަލްފާ ގްރޫޕް' ގެ ހުރިހާ ފައިސާއެއް ވަގުތުން އެނބުރި ކުންފުންޏަށް ގެންނަން،" ރާއިދު ބުންޏެވެ. "އަދި ކުންފުނީގެ ހުރިހާ ކަމަކުން ކައިލް އަމިއްލައަށް އިސްތިއުފާދީ، މިއިން އެއްވެސް ކަމަކަށް ކޯޓުގައި ދިފާއުނުވެ ކުށަށް އިއުތިރާފުވާން. އެހެން ނޫންނަމަ، ބާކީ އޮތް ދިރިއުޅުން ނިމޭނީ ކަނު އަނދިރި ގޮޅިއެއްގެ ތެރޭގައި."
ކައިލް އިސްދަށަށް ޖެހިއެވެ. އޭނާ ބާނާފައިވާ މަކަރުގެ އޮއިވަރުގައި އޭނާ އަމިއްލައަށް ބެދުނީއެވެ.
ޖެހިގެން އައި ހަފުތާއެވެ. "އަލްފާ ގްރޫޕް" ގެ މައި އޮފީހުގެ ބޯޑު ރޫމުގައި މުޅިން އާ ދިރުމެއް ހުއްޓެވެ. ކުންފުނީގެ އެކައުންޓްތަކަށް ފައިސާ އެނބުރި ލިބި، ދަރަނިތައް ވަނީ ޚަލާޞްކުރެވިފައެވެ.
މޭޒުގެ އިސް މަގާމުގައި އިނީ ރާއިދުއެވެ. އޭނާގެ ކައިރީގައި މަންމަ ޝިޔާާމާ އާއި ރަހުމަތްތެރިޔާ ނާއިލް ތިއްބެވެ. ކުންފުނީގެ އާ މެނޭޖިންގް ޑިރެކްޓަރަކަށް ރާއިދު އައްޔަންކުރެވުނުކަން ބޯޑުން ރަސްމީކޮށް ފާސްކުރިއެވެ.
"ކާފަގެ ހުވަފެންތައް އަހަރެމެން ކުރިއަށް ގެންދާނަން،" ރާއިދު ބޯޑު މެމްބަރުންނަށް ބަލާލަމުން ޔަގީންކަމާއެކު ބުންޏެވެ. "އިންސާފާއި ތެދުވެރިކަމާއެކު."
އޮއިވަރުގެ ތެރެއިން ހަލަބޮލިވި އާއިލާގެ ނަވަށް އެންމެ ފަހުން އަމާން ބަނދަރެއް ފެނުނީއެވެ.
(ނިމުނީ)

.jpeg?w=3840&q=75)




.jpeg?w=3840&q=75)





