


.jpeg?w=3840&q=75)





2028 ގައި މާލެ ސަރަހައްދުގެ އެންމެންނަށް ދާއިމީ ބޯހިޔާވަހިކަން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.
މި އެޕިސޯޑުގައި ރައީސާއި ބައްދަލުކުރި މީހުންވެސް ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިތައް ހިމެނޭއިރު، ރައީސާއި ބައްދަލުކުރި ބައެއް ރައްޔިތުން ވަނީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އައިކަމުގައިވީނަމަވެސް މިއަދާ ހަމައަށް އައިރުވެސް އަމިއްލަ ބޯހިޔާވަހިކަން ނެތްކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި ބައެއް މީހުން ވަނީ އެމީހުންނަކީ ވަރަށް ކުރިން މާލެއަށް ބަދަލުވެފައި ތިބި މީހުންކަމަށްވުމުން ރާއްޖޭގެ އެހެން ހިސާބަކުންވެސް އަމިއްލަ ގޯއްޗެއް ނެތްކަން ފާހަގަކޮށްފައެވެ.
މީގެއިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުން ބޮޑު ކުލީގައި އުޅެންޖެހުމާއި އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ކަންބޮޑުވުންވެސް ރައީސާއި ހިއްސާކުރެއްވިއެވެ.
ރައްޔިތުން ފާހަގަކުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައިވެސް ވީހާވެސް އަވަހަށް ފްލެޓްތައް އަޅާ ރައްޔިތުންނަށް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެކަމަށާއި ކުރިއަށްވުރެ ކަންކަން ރަނގަޅުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު 2028 ވަނަ އަހަރު މާލެ ސަރަޙައްދުން ގިނަ މީހުންނަށް ފްލެޓް ލިބޭނެކަން ހާމަކުރައްވާ ރައީސް ޑރ. މުއިއްޒު ވަނީ ފްލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފްލެޓް ދިނުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.



.jpeg?w=3840&q=75)




