








big_iPtVkI7nZyXxv5tO3yqCtJpwa
މިދިޔަ މަހުގެ ތެރޭގައި ވިލިމާލޭ ފަރަށް އެރި ބްރިޖްޕްލެޓްފޯމްގެ ބައިތައް އެސަރަޙައްދުން ނެގުމުގެ މަސައްކަތް މިއަދު ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީއިންވަނީ މިމަސައްކަތް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް ނިމޭނެކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މިމަސައްކަތްވަނީ އެންމެ އެދެވޭގޮތުގައި ކުރިއަށް ނުގެންދެވިފައެވެ.
ބްރިޖްޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުން ދެނެގަތުމަށް ކުރަންޖެހޭ ސަރވޭތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއަށް ކުރެވޭނީ ފަރުމަށްޗަށް އެޅިފައިވާ ޕްލެޓްފޯމްގެ ބައިތައް ނެގިގެންކަމަށް އީޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މިމަސައްކަތް ނިމޭނެ ތާރީޚެއްވަނީ މަސައްކަތުގެ ކޮންޓްރެކްޓަރުގެ އިތުރުން އީޕީއޭއަށްވެސް މުހިއްމުވެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިދިޔަ ހަފްތާގެ މޫސުން ގޯސްވުމުގެ ސަބަބުން ޑައިވް ނުކުރެވި ވަރަށް ގިނަ ވަގުތު މަސައްކަތް މެދުކަނޑާލަންޖެހުނުކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށާއި ބާކީ ހުރި ކުދި އެތިކޮޅުތައް ނެގުމުގެ މަސައްކަތް މިއަދު ނިންމާލާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މިދިޔަ މަހުގެ 16ވަނަ ދުވަހު ފަރަށް އެރި ބްރިޖްޕްލެޓްފޯމް މޫސުން ގޯސްވުމުގެ ސަބަބުން ފުންކުރެވުނީ މިދިޔަ މަހުގެ 27 ގައެވެ. ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ތައްޔާރުވެފައިވާއިރު މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. ވިލިމާލޭ ފަރު ހިމެނޭ ސަރަޙައްދަކީ ޢާއްމުގޮތެއްގައިވެސް އޮއިބާރު ސަރަޙައްދެކެވެ.




