.jpg?w=3840&q=75)







-
ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒުކުރުމަށް ރާއްޖޭގެ މާލީ 4 އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ސޮއިކުރެއްވިއިރު، މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި އެންމެ އިސްވެރިންނެވެ.
ވޯލްޑް ބޭންކް ގްރޫޕުގެ ފަންނީ އެހީތެރިކަމާއެކު ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓްގެ ދިރާސާތަކުން ދައްކާފައިވަނީ، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ މާލީ ދަތިތަކެވެ. އަލަށް ތަންފީޒުކުރަން ފެށި ދެ ބައިގެ މައިގަނޑު މަޤްޞަދަކީ އެ ހުރަސްތައް ނައްތާލައި، ގޯއްޗެއް އޮވެމެ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު ޢިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށާއި، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަމުގައި ޢިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް، އަދި ޢިމާރާތްކުރާ ބިމަކީ އެ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާ މީހުންނަށެވެ.
'ހެލްޕް ޓު ބިލްޑް' ސްކީމް ޚާއްޞަކޮށްފައިވަނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު ޢިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ. މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް އަމާޒުކޮށްފައިވާ މި ސްކީމުގެ ދަށުން، އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ދެލައްކަ ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. މާލޭގެ ބިންތަކަށް ޚާއްޞަކޮށް، ޢާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން ޢިމާރާތްކުރާނަމަ ބޮލަކަށް ދެލައްކަ ރުފިޔާގެ މަގުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ހަމަޖައްސައިދެވޭނެއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ ޢިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.
'ހެލްޕް ޓު ބައި' ސްކީމުގެ ދަށުން، ޕީޕީޕީ އުޞޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށާއި، އަދި ރިއަލް އެސްޓޭޓް އުޞޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށްވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެއެވެ. މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް ކަމަށްވާއިރު، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ. މި ސްކީމްތަކުގެ ދަށުން ނަގާ ލޯނުތައް މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، ޢިމާރާތުގެ ވަކި ބައެއް ވިޔަފާރި އުޞޫލުން ބޭނުންކުރުމުގެ ހުއްދަވެސް ލިބިގެންދާނެއެވެ.
.jpg?w=3840&q=75)





.jpeg?w=3840&q=75)

