.jpg?w=3840&q=75)







ލީޑްސް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފުލަމް އަދި ޓޮޓެންހަމް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިއީ އެޓީމު ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ.
ލީގުގައި ލީޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ލީޑްސް އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބޫމޯ އެވެ.
ލީޑްސް އިން ނަތިޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމިނިކް ކަލްވަޓް ލުވިސް އެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ލީޑްސް ޔުނައިޓެޑަށް 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.
.jpg?w=3840&q=75)







