.jpg?w=3840&q=75)







-
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު އެތައް ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ޤައުމުގެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ތާރީޚީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ފުރަތަމަ ޤާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ. މި ދިގު މާޟީގައި ދެ ޤައުމުންވެސް ވަނީ ތަޢުލީމީ، ޞިއްޙީ އަދި އިޤްތިޞާދީ ގޮތުން ގާތް ގުޅުމެއް ދަމަހައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަން ކުރެވިފައިވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރުގެ މައްޗަށެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި އަދި އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް ޚާއްޞަ އިސްކަމެއް ދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭހެން ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
.jpg?w=3840&q=75)







