

.jpg?w=3840&q=75)




.jpg?w=3840&q=75)
ސަރުކާރުގެ އަމާޒަކީ ބަޖެޓު ސަޕްލިމެންޓް ނުކޮށް ޖީޑީޕީގެ ނިސްބަތުން ސިންގަލް ޑިޖިޓުގައި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހިފެހެއްޓުން ކަމުގައި މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށެވެ. އަދި ސަބްސިޑީއަށް ކުރި ހޭދައިގެ ބޮޑުބައެއް ހިއްސާކުރަނީ ފިއުލް ސަބްސިޑީ ކަމަށާއި މިއާއެކު، ބަޖެޓު ޑެފިސިޓް ފުޅާވެފައިވާ ކަމަށެވެ.
މީގެއިތުރުން މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަކަން ފާހަގަކުރައްވާ ވިދާޅުވީ ތެލުގެ އަގަށް އައި ބަދަލާއި ލޮޖިސްޓިކްސްއާ އަދި ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކާއެކު އަޅުގަނޑުމެންނަށްވެސް އޭގެ އަސަރުތައް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
ހާއްސަކޮށް ދައުލަތުން ސަބްސިޑައިޒްކުރަންޖެހޭ މިންވަރު ތެލުގެ އަގު ހިފަހައްޓާ، ރައްޔިތުންނަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ރައްޔިތުންނަށް މިކަމުގެ އަސަރު ނުފޯރާނެ ގޮތަށް ސަބްސިޑީ ނިޒާމުގެ ތެރެއިން ޚަރަދުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިއާއެކު ސަބްސިޑީއަށް ކަނޑައަޅާފައިވާ 2.9 ބިލިޔަން ރުފިޔާގެ ބަޖެޓަށްވުރެ އިތުރަށް 1.4 ބިލިޔަން ރުފިޔާ ޚަރަދުކޮށް، އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 4.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


.jpg?w=3840&q=75)

