






.jpeg?w=3840&q=75)
.jpeg?w=3840&q=75)
ހުޅުމާލޭގެ ފްލެޓްތަކެއް:- ގާފު ފޮޓޯ
ގެދޮރު އެޅުމަށާއި ގެދޮރު ގަތުމަށް މާލީގޮތުން ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، މާލީ އެހީ ދިނުމުގެ އިތުރު ދެ ޕްރޮގްރާމެއް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރު ބިނާކުރުމަށް ލޯނު ނެގުމަށް ބޭނުންވާ ޝަރުތު ހަމަނުވާތީ ގެދޮރު ނޭޅި އެތައް ބަޔަކު އެބަތިބި ކަމަށެވެ.
އެގޮތުން ކުރިން ހުޅުވާލި ހިޔާވެހި ސްކީމަށްވެސް ބޮޑު ތަރުޙީބެއް ލިބި، ސަރުކާރުން 1.1 ބިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ބޭންކުތަކާ ގުޅިގެން އަލަށް ފަށާ ފައިނޭންސިންގ ސްކީމްތަކުގައި ސަރުކާރުން އެހީތެރިވާނީ ބޭންކު ލޯނުތަކަށް އެދޭއިރު ކޮންމެހެން ދައްކަންޖެހޭ "އިކުއިޓީ" ފައިސާ ދެއްކުމުގައެވެ. މިގޮތުން އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް، ސަރުކާރުން 2 ލައްކަ ރުފިޔާގެ އިކުއިޓީ ދީގެން 1 މިލިއަން ރުފިޔާއާ ހަމައަށް ބޭންކު މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، މި ސްކީމް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އިފްތިތާޙުކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރަށްރަށުގައި ހިންގާ ފްލެޓް ނުވަތަ ހައުސިންގ ޔުނިޓުތައް ގަންނަން އިކުއިޓީ ނެތް ފަރާތްތަކަށް 2.5 ލައްކަ ރުފިޔާގެ އިކުއިޓީ ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި މާލީ އެހީ ދޫކުރުމަށްޓަކައި 4 ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ސްކީމްތަކަށް ހުޅުވާލުމެވެ. ހަމައެއާއެކު، ސަރުކާރުގެ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" ގެ ދަށުން ހުޅުމާލެ ފޭސް 3 ގައި އަޅާ 1,000 ހައުސިންގ ޔުނިޓާއި، އަތޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުން ސޯޝަލް ހައުސިންގއަށް ނުވަދެ ފްލެޓް ގަނެވޭނެ މާލީ އެހީގެ ސްކީމެއްވެސް ތަޢާރަފުކުރާނެއެވެ.




