

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)
-
ސްރީލަންކާގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ރޭވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކެހެލްބައްދަރާ ޕަދްމޭގެ އަތުން ފެނުނު މޯބައިލް ފޯނުތަކުން، 9 ސިޔާސީ ވެރިއަކާއި 7 ފިލްމީ ތަރިން އަދި މޮޑެލުންގެ މަޢުލޫމާތު ފެނިފައިވާ ކަމަށް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ކޯޓަށް އަންގައިފިއެވެ.
ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓަށް ސީއައިޑީން މަޢުލޫމާތު ދިން ގޮތުގައި، ޕަދްމޭ ހައްޔަރުކުރިއިރު އަތުލައިގަތް 8 މޯބައިލް ފޯނުން ޑޭޓާ ޑިލީޓްކޮށްފައި ހުރި ނަމަވެސް، ފޮރެންސިކް ތަހުގީގުގެ ތެރެއިން އެ ޑޭޓާތައް ވަނީ އަލުން އަނބުރާ ހޯދާފައެވެ. އެގޮތުން 8،841 ފޯނު ކޯލުގެ ތަފްޞީލާއި، 326،000 އަށްވުރެ ގިނަ ފޮޓޯއާއި، 1،101 އޯޑިއޯ ރެކޯޑިންގ އަދި 5،039 ވީޑިއޯ ރިކަވަރކޮށްފައިވެއެވެ.
މި ތަކެތީގެ ތެރޭގައި 9 ސިޔާސީ ވެރިއެއްގެ ފޯނު ކޯލް ރެކޯޑިންގތަކާއި ފޮޓޯތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ފޯނުން މަޢުލޫމާތު ފެނުނު އެއްވެސް ފަރާތަކީ ކުށެއް ކޮށްފައިވާ ބައެއްކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވާ ކަމަށާއި މިކަމުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ތަހުގީގީ ޓީމުން ބުނެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިތަކުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ 20 މީހެއްގެ މަޢުލޫމާތު ފެނިގެން ޕޮލިސް ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފައިވާއިރު، ޖަލުތަކުގައި މަސައްކަތްކުރާ 13 އޮފިސަރެއްގެ ފޯނު ނަންބަރު ފެނިގެން ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންސްއަށް ވަނީ އެކަން އަންގާފައެވެ.
އަދި ކުށްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 19 ޕާސްޕޯޓެއްގެ ފޮޓޯއާއި، 17 ބޭންކް އެކައުންޓެއްގެ މުޢާމަލާތްތައްވެސް ސީއައިޑީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
2021 ވަނަ އަހަރުގެ މެއި މަހު ޤާނޫނީ ހަމަތަކުގެ މަތިން ލަންކާއިން ފުރައިގެން ދިޔުމަށްފަހު، ޕަދްމޭ ވަނީ ޔޫއޭއީ، އިންޑޮނޭޝިއާ، ރަޝިއާ، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި ލާއޯސް ހިމެނޭހެން 13 ޤައުމަކަށް 15 ފަހަރެއްގެ މަތިން ދަތުރުކޮށްފައެވެ.
ބައިނަލްއަޤްވާމީ ޚާއްޞަ އޮޕަރޭޝަނެއްގައި އިންޑޮނޭޝިއާއިން އޭނާ ހައްޔަރުކޮށްގެން އަނބުރާ ލަންކާއަށް ގެނައުމަށްފަހު، ކޯޓުން މިހާރު ވަނީ އޭނާގެ ބަންދުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


