








6023cb704d1c8_Guraidhoo
ކ. ގުރައިދޫއިން ފެނުނީ މަކުނު ވިދުރި (މަންކީޕޮކްސް) ނޫން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ގުރައިދޫ ސިއްހީ މަރުކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެރަށު ސިއްހީ މަރުކަޒަށް މިއަދު ޑޮކްޓަރަށް ދައްކަންދިޔަ ފަތުރުވެރިއެއްގެ ގައިން މަކުނު ވިދުރި އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެކަން އެޗްޕީއޭއާއި ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އެކަންތައް އެޗްޕީއޭއިން ބަލައި، އެއީ މަކުނު ވިދުރި ނޫންކަމަށް ނިންމައި، އެކަން ގުރައިދޫ ސިއްހީ މަރުކަޒަށް އަންގާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ރަށުގެ ސިއްހީ ކަންކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ސިއްހީ މަރުކަޒުން ރައްޔިތުންނަށް އަބަދުވެސް ހިއްސާކުރަމުން ދާނެ ކަމަށާއި އަދި އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ސިއްހީ މަރުކަޒުގެ ބަޔާނުގައި ބުނެފައި ވެއެވެ.
މަކުނު ވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވެއެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ.




