
265365-monkeypox-1 copy
މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއްކަމަށްވާ މަންކީޕޮކްސް ޖެހިގެން ފުރަތަމަ ފަހަރަށް އިންޑިއާގައި މީހަކު މަރުވެއްޖެ އެވެ.
އިންޑިއާއިން މި ބަލީގައި މަރުވެފައިވަނީ ތުރިޝޫރުގެ ޕުންނިޔޯރް އަވަށަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާ މަރުވީ ޔޫއޭއީއިން އެނބުރި އައިތާ ދުވަސްތަކެއް ފަހުން ތުރިޝޫރުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާ ސަރުކާރާ ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫއޭއީގައި ކުރި ޓެސްޓުގެ ނަތީޖާއިން މަންކީޕޮކްސް ވައިރަސް ހުރިކަން ކަށަވަރުވި ނަމަވެސް، މަރުވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގާނެއެވެ.
އިންޑިޔާގައި ފުރަތަމަ ފަހަރަށް މަންކީ ޕޮކްސްގައި މީހަކު މަރުވިކަން ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް މަންކީޕޮކްސްގެ ހަތަރު ކޭސް އިންޑިޔާއިން ވަނީ ފެނިފައެވެ. އެއީ ކެރެލާއިން މި ފެނުނު ކޭސްއާއި އެކު އިތުރު ދެ ކޭސް އަދި ވެރިކަން ކުރާ ނިއުދިއްލީއިން ފެނުނު ކޭހެކެވެ. އިންޑިޔާއިން އެންމެ ފުރަތަމަ މަންކީ ޕޮކްސްގެ ކޭހެއް ރަސްމީކޮށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ ސާދަވަނަ ދުވަހުއެވެ.












