
6ddb1e3c-f588-4f06-893f-93d91a51e761-876x657
ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާއި، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު ޓްރޭޑް ސެންޓަރުތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފިއެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް މި ދެ ކޮލެޖާއި އެކު ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިއަދު، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ،
މި ހަފްލާގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އަދި ވިލާ ކޮލެޖް އަށް ވަނީ ޓްރޭޑް ޓެސްޓިންގ ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.
ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ގާއިމް ކޮށްފައެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ގައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ.
މިގޮތަށް ދެވޭ ގައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.












