








_122061373_gettyimages-1358443660
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ ފުޓްބޯޅަ ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، އެކްލަބުގެ މެއިން ޖާޒީ ސްޕޮންސަރ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.
ޗެލްސީ ފުޓްބޯޅަ ކްލަބުގެ މެއިން ޖާޒީ ސްޕޮންސަރ އަކީ އިނގިރޭސިވިލާތުގައި މުވާސަލާތީ ހިދުމަތްދެމުން އަންނަ ''ތްރީ" ނުވަތަ "3" އެވެ. "3" އިން ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުނިން ޗެލްސީއަށް އަހަރަކު 40 މިލިއަން ޕައުންޑް ހަރަދުކުރެއެވެ.
ތްރީ އިން އެއްބަސްވުން އުވާލަން ނިންމުމާއެކު ޗެލްސީގެ ޖާޒީއިންނާއި އެ ކްލަބުގެ ސްޓޭޑިއަމް އަދި އިޝްތިހާރު ބޯޑުތަކުން "3" ލޯގޯ ދެން ބޭނުންނުކުރާނެއެވެ. "3" އަކީ 2020/2021 ވަނަ ފުޓްބޯޅަ ސީޒަނުން ފެށިގެން ޗެލްސީ ފުޓްބޯޅަކްލަބުގެ ޖާޒީގެ މެއިން ސްޕޮންސަރެވެ.
"3" ކުންފުނީގެ އޮފިޝަލަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކުންފުނިން އެގޮތަށް ނިންމީ ޔޫކްރެއިން އާއި އެގައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކަމަށެވެ.
ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، ރަޝިއާއިން ޔޫކްރެއިން އަށް އަރައި ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގައި ތިބި ރަޝިއާގެ މަހުޖަނުންނަށް އިނގިރޭސި ސަރުކާރުން އަޅަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ މިއަދުގެ ވަގުތެއްގައެވެ.




