






.jpeg?w=3840&q=75)

ލިވަޕޫލާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އަތުން ބަލިވެފައިވާއިރު، ބްރެންޑްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ލަނޑަނުގެ ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކީން ލުއިސް ޕޮޓާއެވެ.
ބްރެންޓްފޯޑަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެޓީމުގެ މިޑްފިލްޑަރު ޔެގޯރް ޔަރްމޮލިޔުކްއަަށް ދެއްކި ރަތްކާޑާއެކު އެވެ. އަދި ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިކްޓަރ މުނޯޒް އެވެ.
ލިވަޕޫލުން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒަންޑާ އިސާކް އެވެ. އަދި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެންޓްފޯޑްގެ މިޑްފިލްޑަރު ވިޓަލީ ޖެނެލްޓަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ލިވަޕޫލަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑުން ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.








