







ތިނަދޫ ސިޓީ
ތިނަދޫ ސިޓީގައި ހިނގައިދިޔަ ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ރައްދުވާގޮތަށް މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކާ ގުޅިގެން، އެ ކޯޕަރޭޝަނުން ރަސްމީ ނޫސް ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގައި ވެމްކޯއިން ވަނީ އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ކުށެއްގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކު ބައިވެރިވެއްޖެނަމަ ހަރުކަށި ފިޔަޅު އަޅާނެކަމުގެ ޔަގީންކަން ދީފައެވެ.
ވެމްކޯއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައާއި، އެ މާހައުލުން ބޭރުގައިވެސް މި ކޯޕަރޭޝަންގެ މުވައްޒަފުންގެ އަޚުލާޤީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ އެ ކޯޕަރޭޝަންގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަޤްޞަދު ކަމަށެވެ. މި ޕޮލިސީ ފަރުމާ ކުރެވިފައިވަނީ މިފަދަ ރިވެތި އަޚްލާޤީ މިންގަނޑުން ބޭރުވެ ނޭއްގާނީ އެކިއެކި ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުޤީޤީ އިދާރާއަކުން މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފި ނަމަ، މި ކޯޕަރޭޝަނުގެ ޤަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފައެވެ.
ތިނަދޫ ސިޓީގައި ހިނގި ބަދުއަޚްލާޤީ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިފަދަ ޢަމަލުތައް ވެމްކޯއިން އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށްވެސް އެ ކޯޕަރޭޝަނުގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. ވެމްކޯއިން މި ބަޔާން ނެރެފައިވަނީ، މި މައްސަލައާއި ގުޅިގެން އެ ކޯޕަރޭޝަނުގެ މުވައްޒަފުންނާއި ގުޅުވައިގެން މީސްމީޑިއާގައި ގިނަ ޚަބަރުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.








