








ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވާދަވެެރި ޗެލްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށް ޓޮޓެންހަމް ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެފައިވާއިރު، ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ކޮވެންޓްރީ ބަލިކޮށް މިސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޓޮޓެންހަމް އިން މެޗު ޑިމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ޗެލްސީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައެވެ. މިލަނޑަކީ ޗެލްސީގެ ޒުވާން ކީޕަރު މައިކް ޕެންޑާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޗެލްސީއަށް މމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 80 ވަނަ މިނެޓްގައި އެޓީމުގެ މިޑްފިލްޑަރު ކޯލް ޕާމާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ޓޮޓެންހަމް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މެތީސް ޓެލްއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ 12 ވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.








