








china-e1645523061797
ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތީ ހަވާލުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންނާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ މިސް ވާން ލީޒީންއެވެ.
އެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު މިސް ވާން ލީޒީން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެކިގޮތްތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ރާއްޖެއާއި އެގައުމާ ދެމެދު އޮންނަ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭ އިރު ގުޅުމުގެ ތެރެއިން ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މުހިންމު އިސްކަމެއްދޭ ދާއިރާއެއްކަން ފާހަގަކުރެއްވި އެވެ.
ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ އަގަކީ 1 މިލިއަން ޔުއާންއެވެ. އެއީ ދިވެހި ފައިސާ އިން ބަލާނަމަ 2.4 މިލިއަން ރުފިޔާއެވެ.








