








-
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި ތަޖުރިބާ ހޯދުމަށްޓަކައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މުޙައްމަދު މާހިރު އިސްވެ ހުންނެވި ރާއްޖޭގެ މަތީ ފަންތީގެ ޞިއްޙީ ވަފުދެއް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް ޒިޔާރަތްކޮށްފިއެވެ.
މި ވަފުދުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ)، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް (އެމްއެންއެމްސީ)، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ ހޮސްޕިޓަލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިސް މަންދޫބުން ހިމެނިވަޑައިގަންނަވައެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ރަސްމީ ޒިޔާރާތުގައި، ސިޗުއާންގެ މަޝްހޫރު ބޮޑެތި ހޮސްޕިޓަލްތަކަށާއި، މެޑިކަލް ސްކޫލްތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޗުއާންގެ ކަމާބެހޭ މުހިންމު އިދާރާތަކާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވީ، ދިވެހި ވަފުދުން ސިޗުއާނަށް ކުރާ މި ދަތުރުގެ ބޭނުން ހިފައި، އެ ޕްރޮވިންސްގެ ކަމާބެހޭ އިދާރާތަކާއި ޞިއްޙީ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ޞިއްޙީ ޚިދުމަތްތައް ދިނުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޭހާއި މެޑިކަލް އިކުއިޕްމަންޓްގެ ދާއިރާއިން ޗައިނާގެ ތަޖުރިބާތަކާއި ހޯދުންތައް ދެނެގަނެ، އެކި ފަންތީގެ ދެމެހެއްޓެނިވި ގުޅުންތަކެއް ޤާއިމުކުރުމަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ. ސަފީރު ވަނީ މި ދަތުރުފުޅަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
މި ދަތުރުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޒަމާނީ ތަމްރީނުތަކާއި، ފަންނީ ޤާބިލުކަން އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ޞިއްޙީ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.








