








-
ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ، ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށާއި މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޤައުމުތަކުގެ މެދުގައި ފުން މަޝްވަރާތަކާއި އެއްބައިވަންތަކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެންމެންގެ ބައިވެރިވުން (އިންކްލޫސިވިޓީ) މުހިންމުކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުން މުޖުތަމަޢުގެ އިސް ސަފަށް ނެރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު އެކަމަނާ ހިއްސާކުރެއްވިއެވެ.
ދިވެހިރާއްޖެ އޯއައިސީގެ މެންބަރަކަށް ވިތާ 50 އަހަރު މިއަހަރު ފުރޭކަން ފާހަގަކުރައްވަމުން، އިސްލާމީ އުއްމަތުގެ ލާބައާއި މަންފާއަށްޓަކައި އޯއައިސީއާއި އެ ޖަމާޢަތުގެ މެންބަރު ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. ހަމައެއާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދްސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު އެކަމަނާ އަލުން ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްވެސް ގޮވާލެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި ވަޒީރު އިރުތިޝާމް ވަނީ އޯއައިސީގެ މެންބަރު އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދޭދޭ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަންވާ މުހިންމު މައިދާނެކެވެ. މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމްގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.








