








ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތައް އަދި އޮޅުންފިލުންވަން ބޭނުންވާ ކަންކަން ސީދާ ވަޒީރުންނަށް ހުށަހެޅޭ "އަހާ" ފޯރަމްގެ 10 ވަނަ ފޯރަމް މިރެއަށް ތާވަލުކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ސިލްސިލާ ފޯރަމެކެވެ.
މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު މިފޯރަމުން ފަހިވެގެންދެއެވެ.މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ.
މި ފޯރަމް އޮންނާނީ މިރޭ 9:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.
ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ. މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ. މިއީ ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމެކެވެ.
"އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.




