








-
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މި މަހުގެ 12 އިން 18 އަށް ބޭއްވި، އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީޖީ) ގެ މިއަހަރުގެ އަހަރީ ބައްދަލުވުންތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން އެމްއެމްއޭގެ ވަފުދުން ވަނީ އައިއެމްއެފާއި، ވޯލްޑް ބޭންކް ގްރޫޕްގެ އިތުރުން ސަރަޙައްދީ ބައިވެރިންނާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެހެނިހެން މުހިންމު ފަރާތްތަކާއެކު އުފެއްދުންތެރި އަދި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ އަދި މާލީ ދާއިރާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށެވެ. މީގެއިތުރުން، ފަންނީ އެހީތެރިކަން (ޓެކްނިކަލް އެސިސްޓެންސް) ހޯދުމަށާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށްވެސް މި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކޮށްފައެވެ.
ބެންކޮކުގައި ކުރިއަށްދިޔަ މި އަހަރީ ބައްދަލުވުންތަކުގައި ބައިވެރިވި އެމްއެމްއޭގެ ވަފުދު އިސްވެ ލީޑުކުރެއްވީ ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއެވެ. މި ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ - ބޭންކިންގ އެންޑް މާކެޓް އޮޕަރޭޝަންސް، ޢާއިޝަތު ނާދިޔާ އާއި އިކޮނޮމިސްޓް - އިކޮނޮމިކް ސަވައިލަންސް އެންޑް ފޯކާސްޓިންގ ސެކްޝަން، ޟަޙާ ޝުޢައިބު އަދި މެނޭޖަރ - ބޭންކްސް އޮފްސައިޓް ސުޕަވިޜަން ސެކްޝަން، ފަޞާޙަތު ޞަބީޤުގެ އިތުރުން އެސިސްޓެންޓް މެނޭޖަރ - ގަވަރުނަރުގެ އޮފީސް، މޫހަތު މުޙައްމަދު ރަޝީދު އެވެ.
ދުނިޔޭގެ މާލީ ދާއިރާގެ އެންމެ ބޮޑު މި ބައްދަލުވުމުގައި އެމްއެމްއޭއިން ބައިވެރިވުމަކީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާ އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.








