








big_RKXrj6wCubkJpOv
ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އަނެއްކާވެސް ދިވެހި ޕާސްޕޯޓު ހޮވިއްޖެ އެވެ.
މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ތިންވަނަ އަހަރެވެ.
ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެން އެކުލަވާލާ ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މިއަހަރު ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް "ވިސާ ފްރީ ސްކޯ"ގެ ގޮތުގައި ލިބިފައިވަނީ 87 ޕޮއިންޓެވެ. އެއީ ދިވެހި ޕާސްޕޯޓުގައި 87 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެތީއެވެ. މިއަހަރު ކުރީކޮޅު އެ ސްކޯ އުޅުނީ 85 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގގެ 59 ވަނައެވެ. އެއީ 85 ތަނަކަށް ދެވޭގޮތަށް އޮތުމުންނެވެ.
ދިވެހި ޕާސްޕޯޓަށް ލިބިފައިވަނީ މުޅި ދުނިޔެއިން 66ވަނަ އެވެ. މިއަހަރު ކުރީކޮޅު އާންމުކުރި ލިސްޓުން ރާއްޖެއަށް 62ވަނަ ލިބުނު ނަމަވެސް، މިފަހަރު 4 ދަރަޖަ ފަހަތަށް މިވަނީ ވެއްޓިފައެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގަ ޕާސްޕޯޓް ރޭންކިންގއަށް ބަލާއިރު އިންޑިއާއަށް ލިބެނީ 90 ވަނައެވެ. ބޫޓާން އަށް 96ވަނަ ލިބޭއިރު ސްރީލަންކާއަށް ލިބެނީ 107ވަނައެވެ. އަދި ބަންގްލަދޭޝްއަށް 108ވަނަ ލިބުނުއިރު ނޭޕާލްއަށް ލިބުނީ 110ވަނައެވެ. އަފްގާނިސްތާން އޮތީ މިލިސްޓުގެ 116 ވަނަ އަދި ޕާކިސްތާނަށް 113 ވަނައެވެ.
އެ ލިސްޓުގެ ގްލޯބަލް ރޭންކިންގެ އެންމެ ކުރީގައި އޮތީ 192 ޕޮއިންޓާއެކު ޖަޕާނާއި ސިންގަޕޫރެވެ.ދެ ވަނަގައި ޖަރުމަނާއި ދެކުނު ކޮރެއާ އޮތީ 190 ތާކަށް ވިސާ އާ ނުލައި ދެވޭގޮތަށެވެ. ތިންވަނައިގައި ފިންލެންޑް, އިޓަލީ، ލަކްޒަމްބަރގް އަދި ސްޕެއިން އޮތީ 189 ތާކަށް ޕާސްޕޯޓާއެކު ދެވޭތީއެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސް އެކުލަވާލާފައިވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ މައުލޫމާތަށް ބިނާކޮށްގެންނެވެ.




