








-
ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ހިންގާ "ހަށިހެޔޮ ރާއްޖެ" ޤައުމީ ޕްރޮގްރާމް ގއ. ވިލިނގިލީގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުން އިންތިޒާމުކުރާ މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވަނީ ކަސްރަތުގެ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކަމަށްވާ ކެޕްޓަން އިސްމާޢީލް އަޙްމަދު އަދި ޔަމްނާ މުޙައްމަދުއެވެ.
މި ހަފުތާ ބަންދުގައި ވިލިނގިލީގައި ކުރިއަށްދާ މި ތަމްރީނުތަކުގައި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންނާއި ވިލިނގިލީގެ މުއައްސަސާތައް ހިމެނޭހެން ޖުމްލަ 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަންތަކުގައި މޫދާއި އެއްގަމުގައި ކަސްރަތުކުރާނެ ގޮތްތަކާއި، ފަންނީ އުކުޅުތަކުގެ އިތުރުން އެ ރަށަކުން ލިބެން ހުރި ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަސްރަތު ކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. އިންސްޓްރަކްޓަރ ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ، މި ޕްރޮގްރާމުން ތަމްރީނުވާ ފަރާތްތަކުން އެނބުރި ރަށަށް ގޮސް ރަށު ފެންވަރުގައި ކަސްރަތު ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޓީޗިންގ ޕްރެކްޓިސް (ޓީޕީ) ސެޝަންތަކަށް މިފަހަރު ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށެވެ.
ކޮންމެ ރަށެއްގައިވެސް މި ހަރަކާތްތައް ކުރިއަށްގެންދަނީ އެ ރަށެއްގައި ހުންނަވާ ކުޅިވަރު ވުޒާރާގެ ސްޕޯޓްސް ކައުންސިލަރުން މެދުވެރިކޮށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ހިންގައި ނިންމުމެވެ. ވިލިނގިއްޔަށްފަހު ދެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.








-1718375570755.jpeg?w=3840&q=75)