
އެމިލިއާނޯ މާޓިނޭޒް
އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ކީޕަރު އެމިލިއާނޯ މާޓިނޭޒް ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 33 އަހަރުގެ ކީޕަރު 7.5 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއަށް ބަދަލުވުމަށް އެ ދެ ކްލަބުން ވެސް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި ޗެލްސީއަށް ބަދަލުވުމުގެ ކުރިން މާޓިނެޒް ލަންޑަނަށް ގޮސް މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ޗެލްސީން މާޓިނޭޒް ހޯދުމުގެ މަސައްކަތް އަވަސްކޮށްފައި މިވަނީ، ހޯމަ ދުވަހު ފުލަމް އަތުން 3-2 ގެ ނަތީޖާއަލުން ޓީމު މޮޅުވި މެޗުގައި ކީޕަރު ރޮބަޓް ސަންޗޭޒްގެ ފަރާތުން ފެނުނު ދަށް ކުޅުމާ ގުޅިގެން ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
2023 ވަނަ އަހަރުން ފެށިގެން ޗެލްސީގެ އެއްވަނަ ކީޕަރުގެ ގޮތުގައި ހުރި ސަންޗޭޒް އަތުން ފުލަމް މެޗުގައި ވަނީ ބޮޑެތި ގޯސްތަކެއް ހެދިފައެވެ. އެގޮތުން ޖޯޝް ކިންގް ފޮނުވާލި ހަމަލާ ސަންޗޭޒްގެ އަތްދަށުން ގޯލަށް ވަދެފައިވާއިރު، ދެވަނަ ހާފުގައި އޭނާ އަތުން ބޯޅަ ދޫވި، ވަގުތު އޭގެ ފައިދާ ނަގައި ފުލަމްގެ ފޯވާޑް ގޮންޒާލޯ ގާސިއާ ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ޓްރާންސްފާ މާކެޓް ބަންދުވާން ކުޑަތަންވެފައި ވަނިކޮށް މާޓިނޭޒް ގެންނަން ނިންމި ނިންމުމަކީ ޗެލްސީގެ މެނޭޖްމަންޓުގެ ވިސްނުމަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މީގެ ކުރިން ކްލަބުގެ އިސްވެރިން ތިބީ ސަންޗޭޒަށް އިތުބާރުކޮށް، އޭނާއަށް ފުރުސަތު ދޭ ގޮތަށެވެ.












